ކޯޓުން ބޭރުން ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުދޭން ނިންމި ނިންމުން މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓްގައި ވަނީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލު ދިނުމުގެ މަަސައްކަތް މިހިނދަށް މަޑުޖައްސާލުމަށްފަހު، މި މައްސަލައިގައި ސުޕްރީމްކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް ފޮނުވުމަށް އެޓާނީޖެނެރަލް އަށް ދެންނެވުމަށެވެ.
މީގެ އިތުރުން އެ ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ހިންގާފައިވާ އެންމެހާ މުއާމަލާތްތައް ބަލައި ތަހުގީގުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްއަށް ފޮނުވުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.
އެކަންކަން އެގޮތަށް ކުރިއަށް ގެންދިއުމަށް، އެ ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ. އަދި އެ މައްސަލަ އޭރުގެ އެޓާނީޖެނެރަލް ހައިކޯޓުގައި އިސްތިއުނާފް ކުރީ، އިސްތިއުފާންކުރަންޖެހޭ މުއްދަތު ހަމަވުމުންކަމަށްބުނެ، މިހާރުގެ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަޅުމުން އެކޯޓުން ވަނީ އެ ހުކުމް ދަމަހައްޓައިފައެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފްތާގައި ނިންމެވި އެވެ.