ޚަބަރު

މޭޔަރުންނާއި ކައުންސިލް ރައީސުން ސިއްރު ވޯޓުން އިންތިހާބުކޮށް ދައުރު ފަަސްއަހަރަަށް އިތުރު ކުރަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ސިޓީކައުންސިލް ތަކާއި އަތޮޅު ތައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރު ކުރުމަށް، ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ގާނޫނު އަސާސީއަށް ގެންނަން މިއަދު މަޖިލީހުން ފާކުރު އިސްލާހުގައި ވާގޮތުން، ސިޓީކައުންސިލްގެ މޭޔަރާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ރައީސުން އިންތިހާބު ކުރާނީ އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުތަކުގެ މަތިންނެގޭ ސިއްރު ވޯޓަކުންނެވެ.

ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ނަމަ މޭޔަރުންނާއި ކައުންސިލް ރައީސުން އަދި އެމީހުންގެ ނައިބުން ހޮވަނީ އެ ކައުންސިލެއްގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ގާނޫނުއަސާސީއަށް މި އިސްލާހު ގެންނަން ފާސްކުރީ، އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ހިމަނައިގެންނެވެ. އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަން ވާނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ގާނޫނުއަސާސީއަށްގެންނަ އިއްލާހަކަށް ވާތީ ބިލު ފާސްކުރަން މަޖިލީހުގެ 67 މެންބަރުންގެ ވޯޓު ބޭނުން ވެއެވެ.

މި ބިލަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވޯޓު ދެއްވިއެވެ.

ކައުންސިލްތަކަށް ބަދަލު އަންނަގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ފާސްކުރިއިރު، ކައުންސިލްތަކަށް ބޮޑެތި ބަދަލުތަކަކާއި ބޮދެތި ބާރުތަކެއް ދިނުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގައި ދަނީ މަސައްްކަތް ކުރަމުންނެވެ.