ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު ކަމަށް، ފަނޑިޔާރު އަލްއުސްތާޒު އަލީ ސަމީރު މިއަދު އިންތިހާބުކޮށްފިއެވެ.
ފަނޑިޔާރު އަލީ ސަމީރު، ޖޭއެސްސީގެ ކޮމިޝަނަށް އިންތިހާބު ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު، އަލްއުސްތާޒު އަބްދުއްރައޫފު އިބްރާހިމް ޖޭއެސްސީގެ މެންބަރުކަމުން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ހައިކޯޓުން މިއަދު ބުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ހުންނަވާ ބޭފުޅާގެ މަގާމު ހުސްވުމާ ގުޅިގެން، ފަނޑިޔާރު އަލީ ސަމީރު މިއަދު އެ މަގާމަށް އިންތިހާބުކޮށްފައިވާ ކަމަށެވެ.
އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އެމަނިކުފާނު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓުގެ އިސް ގާޒީކަމާއި، ސިވިލްކޯޓުގެ އިސް ގާޒީކަން ހިމެނެއެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.