އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު ގ. ހިލްމަން މަރިޔަމް ވަހީދާ އާއި ހަވީރު ނޫހާއި ރާއްޖޭގެ ޓީވީގެ އިތުރުން މީޑީއާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ ޅ. ހިންނަވަރު، ބާރަނަ، އަލީ ޔޫސުފް އާއި، ގދ. ތިނަދޫ ސަނީޑޭލް، އަހްމަދު ގައިސް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބްރޯޑް ކޮމްގެ މެންބަރުކަމަށް އަލީ ޔޫސުފް އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ގައިސްގެ ނަން ފާސްކުރީ 72 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ދެބޭފުޅުން ހިމެނިވަޑައިގަންނަވާ ލިސްޓުން އެއްވަނަ ލިބިލެއްވި، މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް ވަނީ ފެއިލް ކޮށްލައިފައެވެ.
ޝިފްލާ ބްރޯޑްކޮމް އަށް އައްޔަންކުރަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން އެންމެ ހަތް މެންބަރުންނެވެ. ނުފެންނަ ކަމަށް 49 މެންބަރުން ވޯޓު ދެއްްވިއެވެ. ފާސްވާން 29 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
އެނަންތައް ކޮމިޓީން މަޖިލީހަށް ފޮނުވިއިރު މީޑިޔާގައި ގިނަ ދިވަސްތަކެއްވަންދެން ހިދުމަތް ކޮށްފައި ތިބި ބަޔަކު ތިއްބައި ގައިސް ކަހަލަ ސިޔާސީ ބޭފުޅެއް ލިސްޓުގެ ކުރީގައި ހިމަނާފައިވާ މައްސަލައިގައި ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފައެވެ.
މިއަދުގެ ޖަލްސާގައި ތިންވަނަ ބޭފުޅެއްގެ ގޮތުގައި ބްރޯޑް ކޮމް އަށް މަރިޔަމް ވަހީދާ އައްޔަން ކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.