ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ލިކުއިޑޭޝަން އަށް ގޮސްފައިވާ 19 ކުންފުންޏެއް އުވާލަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ 19 ކުންފުނި އުވާލަން ނިންމާފައިވަނީ ފައިދާއެއް ނުވެ ގެއްލުމުގައި ކުންފުނިތައް ހިންގާން ޖެހުމުން ކަމަށެވެ. އަދި އެކަން ކުރަނީ ސަރުކާރުގެ ޕޮލިސީގެ ދަށުން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އުވާލުމަށް އިއުލާނުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި، ފެލިވަރު ފިޝަރީސް އާއި، ކޫއްޑޫ ފިޝަރީސް އާއި، ކުޅުދުއްފުށި އަދި ހިތަދޫ ޕޯޓް ލިމިޓެޑާއި ގަން އެއާޕޯޓު ލިމިޓެޑުގެ އިތުރުންވެސް ކުންފުނިތައް ހިމެނެއެވެ. އަދި ސިއްހީ ދާއިރާގެ އަށް ކުންފުންޏެއް އުވާލުމަށްވެސް ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ހިމަނާފައިވެއެވެ.
ފިނޭންސް މިނިސްޓްރީން މީގެ ކުރިންވެސް ސަރުކާރަށް ނިސްބަތްވާ ކުންފުނިތައް ވަނީ އުވާލާފައެވެ.
އޭގެ އިތުރުން، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ ގޮތުގައި 33 ކުންފުނި އޮތްއިރު އޭގެ ތެރެއިން ފައިދާވަނީ އެންމެ 11 ކުންފުންޏަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިދިޔަ މަހު އޮތް ބަޖެޓު ކޮމެޓީއެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ.