އިބްރާހިމް ޒަކީ
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވަގުތުން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އިހުތިޖާޖު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ތިން މެންބަރަކު އިހުތިޖާޖު ކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕިއެމް އާއި ޕީއެންސީއަށް ނިސްބަތްވާ ހަ މެންބަރުން އިހުތިޖާޖު ކުރިއެވެ.
އެ މެންބަރުން އިހުތިޖާހު ކުރަން ފެށީ 1:15 އެހާކަންހާއިރުއެވެ.
އެ މެންބަރުން ގޮވަމުން ދިޔައީ ރައީސް ޔާމީން ބަނދު ކުރައްވާފައިވަނީ އުސޫލުން ބޭރުން ކަމަަށާއި އެކަނިކުފާނުގެ މައްޗަށް ހިންގި ޗަރީއަތަށް ސަރުކާރުން ނުފުޒު ފޯރުވާފައިވާ ކަމަށެވެ. އަދި މިއީ ހުދުމުހުތާރު ސަރުކާރެއް ކަމަށާއި ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް އެ މެންބަރުން ގޮވާލެއްވިއެެވެ.
ރައީސް ޔާމީިން ދޫކޮށްލުމަށް ގޮވާލާ ލިއުންތައް ލިޔެފައިވާ ލިއުންތަކެއް ހިފައިގެން ކުރި މި އިހުތިޖާޖުގައި، ރިޔާސަތުން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާ މެންބަރުންގެ މޭޒުކޮޅު ކައިރިއަށްގޮސް އަޑުގަދަކޮށް އިހުތިޖާޖު ކުރިއެވެ.
ނަމަވެސް އިހުތިޖާޖު ކުރާ މެންބަރުން ކެމެރާއަށް އަރާނަމަ ވާހަކަދައްކަވާ މެންބަރުވެސް ނުދައްކާގޮތަށް މަޖިލިސް ލައިވް ކުރުމުގެ ކަންތައް މިއަދު އޮތީ ހަމަޖައްސައިފައެވެ.
އެކަން މަހިލިސް ރައީސް މުހައްމަދު ނަޝީދުވެސް ފާހަގަ ކުރެއްވިއެވެ.
އިހުތިޖާޖު ކުރެއްވި މެންބަރުންނަށް ރައީސް ނަޝީދު ވިދާޅުވީ ޓީވީން ފެންނާނެ ކަމަށް ހީކޮށް މަޖިލީހުގައި ވާހަކަ ދައްކާ މެންބަރު ކައިރިއަށް އިހުތިޖާޖު ކުރައްވާ މެންބަރުން ވަޑައިގެންނެވި ނަމަވެސް ޓީވީން ނުފެންނާނެ ކަމަށެވެ.
މިއަދު އިހުތިޖާޖުގައި ބައިވެރި ވަަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ފެލިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.
މިއަދުގެ ގައި ވޯޓަށް އަހާފައި ވަނީ މީގެ ތެރެއިން ބައެއް މެންބަރުންގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮއްގެންނެވެ.
ނަން އިއްވައި ޖަލްސާއިން ބޭރުކުރީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ފެލިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.