ޚަބަރު

މައްޗަންގޮޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މައްޗަންގޮޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މއ. ޒޫނާމަންޒިލްގައި ކަމަށެވެ.

އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 10:14ގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން އެ ގޭގައި ރޯވި އަލިފާންގަނޑު 10:50 ހާއިރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

އާޒިމް ވިދާޅުވީ އަލިފާން ރޯވީ މއ. ޒޫނާމަންޒިލް ގޭގެ ކޮޓަރިއެއްގައި ކަމަށާއި އެ ކޮޓަރި ތެރޭގައި ހުރި ތަކެތި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ވެސް ވަނީ މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އިއްޔެ ހަވީރު 5:35 ހާއިރު މއ. ސިމްޑީލް ގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 9:10 ހާއިރެވެ. މއ. ސިމްޑީލް ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހޮޓެކް ޕްރައިވެޓް ލިމިޓެޑްގެ ގުދަނެކެވެ. އެ ގޭގެ ތިންވަނަ ފަންގިފިލާއަށް ވެސް އަލިފާންގަނޑު ފެތުރިފައިވާ އިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ދެ ސިފައިންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.