ޚަބަރު

މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އަދުނާން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ މައްސަލަ ޖުޑިޗަލް ސާވިސް ކޮމިޝަނުން ބަލައި އޭނާ އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެެވެ.

ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުއްވި އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު އެ ކޮމިޓީންވަނީ އޭނ ވަކިކުރަން އިއްޔެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަދުނާން މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޖޭއެސްސީން އަދުނާންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކެއްގައެވެ. މީގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވައިގެން އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދިނުމަށް ސޯޝަލް މީޑިއާގައި ކެމްޕެިން ކޮށްދިނުމުގެ މައްސަލަވެސް އަދުނާނުގެ މައްޗަަށް ވަނީ އުފުލިފައެވެ.