ޚަބަރު

ސަރުކާރުން އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ: ރައީސް

މަރިޔަމް ޝަހުދާ

ސަރުކާރުން އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން އެކި ދާއިރާތަކުން ކޮށްފައިވާ އަގުހުރި ހިދުމަތްތައް މިއަދު ފާހަގަ ކުރާ ކަމަށެވެ. އަދި އެމީހުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ސަރުކާރުން އެކަމަކަށް މަސައްކަތް ކުރާ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސަލާމަތާއި، ރައްކާތެރިކަމާއި އެމީހުންގެ އަބުރު ރައްކާތެރިކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަމުގެ ދުވަސް ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގައެވެ. މިދުވަހަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މެދު މުޖުތަމައު ހޭލުންތެރިކޮށް، އެމީހެން މީހުންނެކޭ އެއްފަދައިން އެފަދަ ފަރާތްތަކަށް މުޖުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހު ކުރުމަށް ބާރުއެޅުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.