ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާޕޯޓު ޕޮލިސް ޕޯސްޓެއް ގާއިމްކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހެނދުނު އެއާޕޯޓު ޕޮލިސް ޕޯސްޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރަސްމީކޮށް ހުޅުވާފައިވަނީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލް އިން އިމާރާތް ކުރި ޕޮލިސް ޕޯސްޓް އިމާރާތް ރަސްމީކޮށް ފުލުހުންނާއި ހަވާލުކޮށްފައިވެއެވެ. އެމްއޭސީއެލްގެ ފަރާތުން މި އިމާރާތް ފުލުހުންނާއި ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރު މޫސާ ސޯލިހުއެވެ. ފުލުހުންގެ ފަރާތުން މި އިމާރާތާއި ހަވާލުވެވަޑައިގެންނެވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އެވެ.
މި ރަސްމިއްޔާތުގައި އެއާޕޯޓު ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވާ ދެއްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި އެމްއޭސީއެލްގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރު މޫސާ ސޯލިހު އެވެ. އެއާޕޯޓު ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުއްވުމަށް ފަހު، ރަސްމިއްޔާތުގެ ބައިވެރިން ވަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްއޭސީއެލްގެ އެހީތެރިކަމާއެކު އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހުންގެ އޮފީސް އިމާރާތެއްގެ ގޮތުގައި މަސައްކަތް ކުރާނެ ތަނެއް ލިބުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެކަން ފުރިހަމަ ކޮށްދެއްވިކަމަށްޓަކައި އެމްއޭސީއެލްއަށް މަންނާނު ޝުކުރު އަދާކުރެއްވިއެވެ.
މަންނާނު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އާ ޓެކްނޮލޮޖީތަކާއެކު ކުށްކުރާ މީހުންގެ ވަށްޓަފާޅި ބަދަލުވެފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުން އާންމުން ރައްކާތެރިކޮށް، އާންމުންނަށް ރައްކަތެރި މާހައުލެއް ގާއިމް ކުރުމަށް އެންމެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ ތަނަކީ އެއާޕޯޓުކަން މަންނާނުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. މަންނާން ވިދާޅުވީ އަލަށް އެއާޕޯޓުގައި ގާއިމު ކުރެވުނު ޕޮލިސް ޕޯސްޓާއެކު، އެއާޕޯޓުގެ ރައްކާތެރިކަމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ.