ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މާފަރު އެއަރޕޯޓް ދެވަނަ ފޭސް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ޔޫ.އޭ.އީގެ އެހީ ވަނީ ހަމަޖެހިފައި: މިނިސްޓަރު

މިންހާ ފާއިޒް ރަޝާދު

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދެވަނަ ފޭސް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ޔޫ.އޭ.އީގެ އެހީ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރޭ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ 48 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގައި ހުންނަ ޔޫ.އޭ.އީ އެމްބަސީން އިންތިޒާމްކުރައްވައިގެން ދަރުބާރުގޭގައި ބޭއްވި ހަފްލާފައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ރައްޔިތުންނާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވުމުގައި އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް ގެ ރޯލް ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގެ މަޝްވަރާތަކުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދެވަނަ ފޭސް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ޔޫ.އޭ.އީގެ އެހީ ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ދެވަނަ ފޭސްގައި، ބިން ހިއްކުމާއި، ރަންވޭ ދިގުކުރުމާއި ބޮޑެތި ބޯޓު ޖެއްސޭ ފެންވަރަށް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރެވޭނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގަ އާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި، ޔޫ.އޭ.އީގެ ރައީސް، ހިޒް ހައިނަސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން އާ، ޔޫ.އޭ.އީގެ ނާއިބު ރައީސް އަދި ބޮޑު ވަޒީރު އަދި ރޫލަރ އޮފް ޑުބާއި، ހިޒް ހައިނަސް ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމް އާ، އަބޫދާބީގެ ވަލީ އަޙުދު އަދި ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް ޔޫ.އޭ.އީ އާމްޑް ފޯސަސް، ހިޒް ހައިނަސް ޝެއިޚް މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާން އާ، ޔޫ.އޭ.އީ ސަރުކާރާ އަދި ރައްޔިތުންނަށް މަރުޙަބާ އާއި ތަޙުނިޔާ ދަންނަވާފައިވެއެވެ.

ދިވެހިރާއްޖެއާ ޔޫ.އޭ.އީއާ ދެމެދު އޮންނަ ގާތް އަހުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވައި، އެގުޅުން ހަރުދަނާކޮށް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ޔޫ.އޭ.އީއަށް ގެންނަމުންދާ ތަރައްޤީ އާއި ދާހިލީ ގޮތުންނާއި ބައިނަލްއަޤްވާމީގޮތުން ހޯދާ ކާމިޔާބީތައް ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ދަންނަވާފައިވެއެވެ.