ޚަބަރު

ސީއެސްއާރުގެ ދަށުން ޕްރައިވެޓް ރަށެއްގައި ގަނޑުވަރެއް ނާޅާނެ: ހިލްމީ

ކޯޕަރޭޓް ސޯސަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ޕްރައިވެޓް ރަށެއްގައި ގަނޑުވަރެއް ނާޅާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ހުސައިން ހިލްމީ ވިދާޅުވެއްޖެއެވެ.

ހިލްމީ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވަނީ އާރަށުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހަފްތާ ބަންދާއި ޗުއްޓީ ދުވަސްތަކުގައި ދިރިއުޅުއްވަން އިމާރާތެއް ހެދީ ސީއެސްއާރުގެ ދަށުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވުމުންނެވެ.

ސީއެސްއާރުގެ މާނަ އެނގިލައްވާތޯ ވެސް ހިލްމީ ވަނީ ސުވާލު އުފައްދަވައިފައެވެ. "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އިނީޝިއޭޓިވްގެ ދަށުން ޕްރައިވެޓް ރަށެއްގައި ގަނޑުވަރެއް ނާޅާނެ،" އޭނާގެ ޓުވީޓުގައި ވިދާޅުވިއެވެ.

އާރަށުގައި އަޅާފައިވާ ގެކޮޅުގެ ފޮޓޯތައް މީސްމީޑިއާގައި އެންމެ ފުރަތަމަ އާންމުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފެވެ. އެ ފޮޓޯތައް އާންމުވުމާއެކު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެފައިވަނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވައި ރައީސް ޔާމީން ވަޑައިގަންނަވާނީ އާރަށުގައި ހެދި ގެކޮޅު ހިއްޕަވައިގެން ނޫން ކަމަށެވެ.