ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފިއެވެ.
ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ދުވެ، ސާއިދު ވަނީ އެއްވަނަ ހޯދައިފައެވެ.
އަށް ދުވުންތެރިން ވާދަކުރި ފައިނަލް ސާއިދު ފުރިހަމަކުރީ 10.49 ސިކުންތުންނެވެ. ރިހި މެޑަލް ހޯދީ 10.50 ސިކުންތުން ދުވުން ފުރިހަމަކުރި ސްރީލަންކާގެ ހިމާޝާ އީޝަންއެވެ. އަދި ލޯ މެޑަލް ހޯދީ 10.66 ސިކުންތުން ދުވުން ފުރިހަމަކުރި ޕާކިސްތާނުގެ ސާމީ އުއްލާއެވެ.
ސާއިދު ފައިނަލުން ޖާގަ ހޯދީ އޭނާ ވާދަކުރި ހީޓުގެ ތިންވަނަ ހޯދައިގެންނެވެ. އެ ހީޓުގެ އެއްވަނަ ހޯދީ ފައިނަލުގައި ވާދަކޮށް ރިހި މެޑަލް ހޯދި ލަންކާގެ ހިމާޝާ އީޝަންއެވެ. އަދި ހީޓުގެ ދެވަނަ ހޯދީ އިންޑިއާގެ ދުވުންތެރިއެކެވެ.
ސާއިދު ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް 100 މީޓަރު ދުވުމުން ރާއްޖެއަށް މެޑައްޔެއް ހޯދައިދީފައެވެ. އެފަހަރު އޭނާ ހޯދީ ރިހި މެޑަލްއެވެ.