ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް-ސައުދު ގެ ބޭބޭފުޅު، ޕްރިންސް މުތްއަބު ބިން އަބްދުލް އަޒީޒު އާލް-ސައިދު އަވަހާރަ ވުމާއި ގުޅިގެން ސަލްމާން ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ސަލްމާން ރަސްގެފާނަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ސައުދީގެ ޕްރިންސް މުތްއަބު އަވާހަރަވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އަދި ސައުދީގެ ޝާހީ އާއިލާއަށް ކުރިމަތިވި މި ހިތްދަތި ވަގުތުގައި ރާއްޖޭގެ ރައްޔިތުންނާއި، ސަރުކާރާއި އެމަނުކުފާނުގެ އަމިއްލަ ނަންފުޅުގައި ސައުދީގެ ޝާހީ އާއިލާއަށާއި، މަރުހޫމް ގެ އާއިލާއަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖުގައި ސައުދީގެ ޝާހީ އާއިލާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި، މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ސައުދީ ރަސްގެފާނުގެ ބޭބޭފުޅު ޕްރިންސް މުތްއަބު އަވަހާރަވެވަޑައިގެންފައިވާކަން ހާމަކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ސައުދީގެ ރޯޔަލް ކޯޓުންނެވެ. އަދި ޕްރިންސް މުތްއަބުގެ ޖަނާޒާ މިއަދު މައްކާގެ ''ގްރޭންޑް މޮސްކް''ގައި ކުރިއަށް ދާނެ ކަމަށް ސައުދީ ރޯޔަލް ކޯޓުން ހާމަކޮށްފައިވެއެވެ.