ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ގައުމީ ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.
މި ހަފްލާ ރާއްޖޭގައި ބާއްވާފައިވަނީ ޔޫއޭއީ އެމްބަސީގެ ފަރާތުން ދަރުބާރު ގޭގައެވެ. މި ހަފްލާގައި ޔޫއޭއީގެ އެމްބަސީ އިން ވަނީ ނައިބު ރައީސް އަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
ނައިބު ރައީސްގެ އިތުރުން މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫއޭއީ އިން ރާއްޖެއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު، ޑރ.ސައީދު އަހުމަދު އަލް ޝަމްސި މި ހަފްލާގައި ވަނީ ވާހަކަ ދައްކަވާފައެވެ.
ޔޫއޭއީ އިން ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރަކު ވެސް ޑިސެމްބަރު ދެވަނަ ދުވަހުއެވެ. އެގައުމުން ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނަނީ 1972 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރު އެގައުމުން ފާހަގަ ކުރަމުން އަންނަނީ އެގައުމުގެ 48 ވަނަ ގައުމީ ދުވަހެވެ.