އިބްރާހިމް ޒަކީ
ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލައިގައި އޭނާ މަގާމުން ވަކި ކުރަން ޖުޑިޝަރީ ކޮމިޓީންވެސް ނިންމާފައި ވަނިކޮށް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހައިލަމް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ޖެހޭ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައި އެ މައްސަލަ މަޖިލީހަށް ފޮނުވާފައި ވަނިކޮށްވެ.
ހައިލަމް ވަކި ކުރުމުގެ މައްސަލަ މަޖިލީހުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން، ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް ކޮމިޓީން ނިންމައި ހައިލަމް ވަކި ކުރުމަށް އިއްގެ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
ޖޭއެސްސީއަށް ފޮނުވި ހައިލަމްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ޖޭއެސްސީން އޭނާގެ މައްޗަށް ހިންގި ތަހުގީގަށް އިންތިހާއަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ޖޭއެސްސީން މައްސަލަ ބެލި އިރު އޭނާ ހުށަހަޅުއްވަފައިވާ އެއްވެސް ހުށަހެޅުމަކަށް ޖޭއެސްސީން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ.
އިސް ތިއުފާ ދެއްވިއިރު ހައިލަމް ހުންނެވީވެސް ސަސްޕެންޑުކޮށްފައެވެ.
އެއީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހާފައިވާ ފޮޓޯއެއް ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުވި މައްސަލައާ ގުޅިގެން ޖޭއެސްސީން ބަލަންފެށި ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި، އޭނާ ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަސްޕެންޑު ކޮށްފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗައް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމްކުރުން ތާވަލްކޮށްފައި އޮތް ފުރަތަމަ ދުވަހެވެ.