އިބްރާހިމް ޒަކީ
އަންނަ 2020 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ހިމަނާފައިވާ ޕީއެސްޕީއަށް 273 މިލިޔަން، އޮފީސްތަކުގެ ބަޖެޓަށް 93 މިލިޔަން، ބަޖެޓް ދިރާސާކުރި ކޮމިޓީން އިތުރު ކޮށްފައިވާ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އަށް ފުރުސަތު ދެއްވުމުގެ ކުރިން ބަޖެޓާ ބެހޭގޮތުން ބައެއް ކަންކަން މެންބަރުންގެ ސަމާލުކަމަށް ގެނައުމަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޕީއެސްއައިޕީއަށް ކޮމިޓީން ބަޖެޓަށް އިތުރުކުރި ފައިސާ އާއި އޮފީސަތަކުގެ ބަޖެޓަށް އިތުރު ކުރި 93 މިލިޔަން ރުފިޔާއާއެކު، ދައުލަތުން ހުށަހެޅި ބަޖެޓުގެ ޖުމްލަ އަދަދަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން ދައުލަތުން ހުށަހެޅި 73.50 ބިލިޔަން ރުފިޔާގެ ބަޖެޓް، 37.87 ބިލިޔަނަށް އިތުރު ވެފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ބަޖެޓަށް ގެނެވުނު ބަދަލު ކޮމިޓީން ފާސް ކޮށްފައިވޭ، 273 މިލިޔަން ޕީއެސްއައިޕީ އަށް އިތުރު ކޮށްފަ، އަދި އޮފީސްތަކުގެ ބަޖެޓަށް 93 މިލިޔަން އިތުރު ކޮށްފަ. އެހެެންވީމާ ދައުލަތުން ހުށަހެޅި ބަޖެޓް، ތިރީސް ހަތް ބިލިޔަން ފައްސަތޭކަ ހަތަރު މިލިޔަން ހަތަރުސަތޭކަ ނުވަދިހަ ތިންލައްކަ ހަސަތޭކަ އަށްޑިހަ ރުފިޔާ، އިތުރުވެގެން ހިނގައްޖެ ތިރީސް ހަތް ބިލިޔަން އަށްސަތޭކަ ހަތްދިހަ އެއް މިލިޔަން ތިންލައްކަ ސާދަހާސް އަށްސަތޭކަ ފަސްދޮޅަސްފަސް ރުފިޔާއިން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް ބަޖެޓް އިތުރުވެގެން ދިއުމުން ޖީޑީޕީ 5.8 ޕަސެންޓުން 6.2 ޕަސެންޓަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.
ކޮމިޓީން ބަޖެޓަށް ފައިސާ އިތުރު ކޮށްފައިވާއިރު، އަންދާޒާ އާމްދަނީއަށް ބަދަލު ގެނަސްފައިނުވާތީ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދައިފައެވެ. ނަމަވެސް އިންކަންޓެކްސް ނަގަން ފެށާނެ ދުވަހެއް ކަނޑައެޅުމުން ބަޖެޓްގެ އާމްދަނީ އިތުރު ވާނެ ކަމަށް ޔަގީން އަންޒާރާ އެއް ކުރެވުނު ނަމަވެސް އަހަރުގެ ފުރަތަމަ ތިންމަސް އެކަމަށް ގެއްލިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.