ކްރިސްޓިއާނޯ ރޮނާލްޑޯ

ސެރީއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯއަށް

ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އިޓާލިއަން ސެރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދައިފިއެވެ.

ސެރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯއާ ހަވާލުކޮށްފައިވަނީ އިޓަލީގެ މިލާންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޔުވެންޓަސްގައި ރޮނާލްޑޯ ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް 26 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިދިޔަ ސީޒަނުގެ ސެރީއާގައި 31 މެޗުން ރޮނާލްޑޯ ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ.

ސެރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޮވަނީ ސެރީއާ ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީންނާއި ނޫސްވެރިން އަދި ކުރީގެ ޓެކްނިކަލް ކޮމިޝަނަރުންގެ ޕެނަލަކުންނެވެ.

މިދިޔަ ސީޒަނުގެ އިޓަލިއަން ސެރީއާ ކާމިޔާބުކުރުމާއެކު ރޮނާލްޑޯއަށް ވަނީ ތިން ލީގެއް ކާމިޔާބުކުރެވިފައެވެ. ޔުވެންޓަސްއާއެކު ސެރީއާ ކާމިޔާބުކުރުމުގެ އިތުރުން ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއެކު ސްޕެނިޝް ލަލީގާ އަދި މެންޗެސްޓާ ޔުނައިޓެޑާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ޕެރިސްގައި ރޭ ބެލޮންޑިއޯ އެވޯޑު ރަސްމިއްޔާތު ބޭއްވި ނަމަވެސް، އެ ރަސްމިއްޔާތަށް ރޮނާލްޑޯ ހާޒިރުވެފައެއް ނުވެއެވެ. އެ އެވޯޑު ހޯދީ ރޮނާލްޑޯގެ ވާދަވެރި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ.