ޑރ. މުހައްމަދު މުއިއްޒު

ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް މިރެއަށް ނުނިމިއްޖެ ނަމަ، މާދަމާ ވެސް ކުރިއަށްގެންދާނަން: މުއިއްޒު

1

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ހިޔާ މަޝްރޫއު"ގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ މަސައްކަތް މިރެއަށް ނުނިމިއްޖެ ނަމަ، މާދަމާ ވެސް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ 12:00ގެ ކުރިން ފޯމުތައް ހަވާލުކުރުމުގެ މަސައްކަތް ނުނިމިއްޖެ ނަމަ، މާދަމާ މެންދުރު 12:00އާ ހަމައަށް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

މުއިއްޒު އެހެން ވިދާޅުވެފައިވާ އިރު، މާދަމާއަކީ އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވާ ދުވަހެވެ. މުއިއްޒު ވިދާޅުވީ އެކަން ކުރަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ލަފާފުޅުގެ މަތިން ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެކި ކެޓަގަރީތަކުން ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު ވެސް މިމަހުގެ ކުރީކޮޅު ވަނީ އިއުލާންކޮށްފައެވެ. ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އިއުލާން ކޮށްފައިވަނީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މަސައްކަތްކުރަމުން ދަނިކޮށެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ ކެޓަގަރީތަކަކީ ޑޮކްޓަރުންނާއި ނަރުހުން، ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިން، 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތައް، މާލޭ ރަށްވެހިން، އަލަތު ކައިވެނި، ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ތިބި މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އޭގެ ތެރޭގައި އެއް ކޮޓަރިއާއި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނެއެވެ.

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ދޭން ފަށައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޯމް ބަލައިގަތުމުގެ މަސައްކަތް ނިންމާލި އިރު، ފްލެޓަށް އެދި ގާތްގަނޑަކަށް 22،614 ފޯމް ހުށަހެޅިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟