ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓުން ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ސްރީލަންކާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.
މިއަދު ކުޅުނު އެ މެޗުގައި ރާއްޖެ އަތުން ސީދާ ތިން ސެޓު ގެންގޮސްގެން ތިންވަނަ ހޯދީ ލަންކާއެވެ. ރާއްޖެއިން މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.
ތިންވަނަ ހޮވުމަށް ކުޅުނު މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 13-25، 18-25 އަދި 08-25 އިންނެވެ. އެ މެޗުގެ ތިން ސެޓުގައި ވެސް ލަންކާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ.
މީގެ ކުރިން ގްރޫޕު ސްޓޭޖުގައި ވެސް ރާއްޖެ އިން ވަނީ ލަންކާއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުގައި ވެސް ލަންކާ އަތުން ރާއްޖެ ވަނީ ބަލިވެފައެވެ. އެ ގްރޫޕުގައި ރާއްޖެ އާއި ލަންކާ ހިމެނިފައިވުމުން ރާއްޖެ އާއި ލަންކާއަށް ވަނީ މުބާރާތް ފެށުމުގެ ކުރިން ވެސް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. ސެމީގައި ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ.
އެންމެ ފަހުން 2016ގައި ކުޅުނު ސައުތު އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭގެ އަންހެން ވޮލީ ޓީމަށް ލިބުނީ ހަތަރުވަނައެވެ.