ޕޯސްޓުގެ ޒަރީޔާއިން ރާއްޖެއެތެރެ ކުރަން އުޅުނު ޕާޓީ ޑުރަސްތަކެއް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ތަފާތު ފަސް ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު އެތަކެތި އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު، 24 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން އެތަކެތި ރާއްޖެ ފޮނުވާފައިވަނީ ނެދަލެންޑްސް އާއި ގުރޭޓާ ބްރިޓަން އަދި ޔޫކޭއިން ކަމަށާއި އަތުލައިގެން ތަކެތީގެ ބަރުދަނުގައި ޖުމްލަ 131 ގުރާމް ހުރިކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އަދި އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 278،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަސްޓަމްސް އިން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.