ޚަބަރު

ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ޗައިނާއާ އެކު ރާއްޖެއިން "ކޮންސެޕްޓް ޕޭޕާ" ގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ސަރުކާރާއި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގުޅުން ބަދަހިކޮށް، ދެގައުމު އެކުގައި މަސައްކަތް ކުރުމުގެ ލިއުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން "ކޮންސެޕްޓް ޕޭޕާ" ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދެވެ. އަދި ޔުނާންގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް، ޕު ހޮންގު އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ‌‏ގަވަރުނަރު ރުއާން ޝެންގްފާގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު ބައިވެރިވެލެއްވިއެވެ. އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ގަފޫރު މުހައްމަދާއި، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާ އަދި މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ބައްސާމު ފާރޫގު ބައިވެރިވިއެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ‌‏ގަވަރުނަރު ރުއާން ޝެންގްފާ، އިއްޔެ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާ ކުރައްވައިފައެވެ. ވަކިން ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ކުޅިވަރާއި ތައުލީމުގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވިއެވެ.