ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ރުއާން ޝެންގްފާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޔުނާންގެ ގަވަރުނަރު އަދި އެ ގައުމުގެ އިސް އޮފިޝަލުން ރާއްޖެ އައުމުން މަރުހަބާ ދަންނަވައިފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާ ކުރައްވައިފައެވެ. ވަކިން ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ކުޅިވަރާއި ތައުލީމުގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވިއެވެ.
އޭގެ އިތުރުން ޔުނާންގެ ގަވަރުނަރު އަދި މިނިސްޓަރު ޝާހިދު ވަނީ ދެގައުމުގެ ރަހުމަތްތެރިކަން ދެމެހެއްޓުމަށް، ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަަށް ރާއްޖެ އާއި ޗައިނާ ގުޅިގެން އެކީ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ގަފޫރު މުހައްމަދާއި މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާ އަދި މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ބައްސާމު ފާރޫގު ބައިވެރިވިއެވެ.