އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
ފުލުހުން ބުނީ، ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ 2012 އިން މި އަހަރުގެ މިހާތަނަށް ހުށަހެޅި 788 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ކަމަށެވެ.
އެގޮތުން މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 3715 ރަބަރު ޕެކެޓާއި 1386 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި 31 ދަޅުގައި ހުރި މަސްތުވާތަކެއްޗާއި 21 ބިޑި އާއި 147 ބޭސްގުޅައާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 985 ބާވަތެކެވެ.
ފުލުހުން ބުނީ، ދޫނިދޫގައި މިއަދު މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.