ރާއްޖެ އާއި ތުރުކީއާދެމެދު ދަތުރުފަތުރާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރަން ނިންމީ ލަންޑަންގައި މިހާރު ކުރިޔަށްދާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ޖެނެރަލް އެސެމްބަލީގެ ހަވާސާގެ ތެރެއިން ޓުރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު މެހްމެޓް ކަހިޓް ޓުރުހަންއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ޓުރާންސްޕޯޓް މިނިސްޓްރީން ބުނީ މިނިސްޓަރު ނަހުލާ، ތުރުކީގެ ޓްރާންސްޕޯޓު މިނިސްޓަރާ ބައްދަލުކުރެއްވީ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރުމަށް ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މެރިޓައިމް ދާއިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ކަންކަމާއި އެކަންކަން ކުރުމަށް މަގުފައިވާނެ ގޮތްތަކާމެދުގައި މަޝްވަރާކޮށްފައިވާއިރު، އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ވެސް އެހީތެރިކަން ހޯދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ޓުރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ޓުރާންސްޕޯޓު މިނިސްޓްރީން އިތުރަށް ބުނީ ރާއްޖެ އާއި ތުރުކީއާ ދެމެދު ދަތުރުފަތުރާބެހޭ އެމްއޯޔޫގައި ސޮއިކުރަން ނިންމީ ދެ މިނިސްޓަރުންގެ އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގައި އަމަލީ ސިފަ ގެނައުމަށް ކަމަށެވެ. އަދި ދެގައުމުގެ ދެމެދު ސޮއިކުރާ އެއްބަސްވުން އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ މެރިޓައިމް ދާއިރާއިން މީހުން ތަމްރީނު ކުރުމާއި ކޮންސަލްޓެންސީ ހޯދުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.