ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަރާތާ ގުޅޭގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ރޭ ފޮނުއްވީ ހުސެއިން ޝަމީމުގެ ނަމެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ފަރާތާ ގުޅޭގޮތުން ޝަކުވާއެއްވާނަމަ މިއަދުގެ 20:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް، ކޮމިޓީގެ އީ-މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވަންޖެހޭނެ ކަމަށެވެ.
އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވާ ޝަމީމަކީ ޕީޖީގެ މަގާމަަށް ގެންނަން މީގެ ކުރިން ވެސް ގިނަ ބަޔަކު ތާއީދުކުރި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހަށް ޝަމީމުގެ ނަން ރައީސް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސަގައި އެނަން އިއްވުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. ޕީޖީ ކަމަށް ޝަމީމު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭނީ ކޮމިޓީން އޭނާގެ ނަން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް އަހައިގެންނެވެ.
ޕީޖީކަމުގެ މަގާމު މިދިޔަ ބުރާސްފަތި ދުވަހު ހުސްވީ އެ ދުވަހާހަމައަށް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ.