ޚަބަރު

ލޯފަންކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން: އިސްލާމިކް މިނިސްޓަރު

އާނިފާ ހުސެއިން ސިރާޖް

ސަރުކާރުގެ އެއްވެސް ކުއްޖެއް ބާކީ ނުކުރުމުގެ ނިޒާމުގެ ދަށުން ލޯފަންކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒާހިރު އާލީ ވިދާޅުވެއްޖެއެވެ.

ބްރައިލް ވާކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ލޯފަންކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަމަށާއި އެގޮތުން ލޯފަންކުދިން މުދިމުން ގޮތުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާކުދިންނަށް އެހެން ކުދިންނެކޭވެސް އެއްގޮތަށް އެއްވެސް ތަފާތެއްނެތި އަމަލުކުރައްވަމުން ގެންދަވާކަމަށާއި ބްރައިލް ވާކްޝޮޕަކީ އެގޮތުން ހިންގުނު ވޯކްޝޮޕެއްކަން ޖަލްސާގެ ހާޒިރީންނާއި މުހާތަބްކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އިތުރަށް މިފަދަ މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ ކަންކަމަށް ބޭރުގެ ބައެއް ގައުމުތަކުން އެހީތެރިކަން ހޯދުމުގެ މަސައްކަތްތަށް ކުރިއަށްދާކަމަށާއި އަދި އެކަން މިހާރު ފަހިވެފައިވާކަންވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މުޖުތަމައުގެ ހުރިހައި ފަރާތްތަކަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިހުމާލުނުވުމަށާއި، ވަރަށް ބޮޑަށް އެކުދިންނަށް ސަމާލުކަން ދިނުމަށާއި، ފަރުވާތެރިވުމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ހަނދުމަފުޅުކޮށްދެއްވިއެވެ.

ލޯފަންކުދިިންނަށް ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ބޭއްވި ބްރައިލް ވާކްޝޮޕަކީ ދިވެހިރާއްޖޭގެ ތާރީހުގައި މިފަދަ ވާކްޝޮޕެއް އަލަށް ބޭއްވުނުފަހަރެވެ. އަދި ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ދެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.