އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ހުކުމް އިއްވައިފިނަމަ އެ ހުކުމް ތަންފީޒުކޮށް ނިންމާ ހިސާބުން، ރައީސްކަން ކޮށްފައިވާ ފަރާތަކަށް ގާނޫނުން ލިބިދޭ އިނާޔަތާއި ރައްކާތެރިކަން އަލުން ލިބެންފަށާ ގޮތަށް، ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ހުށަހެޅުއްވި މި އިސްލާހު ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ.
ގާނޫނުގައި މިހާރު އޮންނަނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު އެ މަގާމުގައި ހުންނެވި އިރު، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެފައިވާ ނަމަ، އޭނާ އާއި އޭނާގެ އަނބިމީހާ އަށް ނުވަތަ ފިރިމީހާ އަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
މި އިސްލާހު ގާނޫނަށް ގެނައީ، ކުރީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ރައީސް ނަޝީދަށް އަމާޒުކޮށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި އެ އިސްލާހު ގާނޫނުން އުނިކޮށް، ކުށް ތަންފީޒު ކުރުމަށްފަހު އިނާޔަތް ލިބޭގޮތަށް މިއަދު ގާނޫނު އިސްލާހު ކުރިއިރު، ރައީސް ޔާމީން ހުންނެވީ އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނީލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ.