ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެމަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ނިންމައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އިއްޔެ އެވެ.
އެކަމާބެހޭގޮތުން ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަަށް ފޮނުވިއެވެ.
ހައިލަމް މަގާމުން ވަކި ކުރަން ކޮމިޓީން ނިިންމީ މިއަދު މަޖިލިސް ޖަލްސާ ކުރިއަށްދިޔަ ވަގުތު، ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ހައިލަމް ވަކި ކުރަން ނިންމައި ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ސުލޫކީ ސިފަތައް ނެތިގެންދާފަދަ އަމަލުތަކެއް ގާޒީ ހައިލަމް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ގާޒީ ހައިލަމްގެ މައްޗައް ސާބިތުވެފައިވާ ކަންތައްތަކަކީ ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަަމަލުތަކެއް ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ، ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް، ފަނޑިޔާރުކަމުން ވަކިކުރަން ކޮމިޓީން ނިންމާފައިވާއިރު އޭނާ މިހާރު ވެސް ހުންނެވީ ސަސްޕެންޑުކޮށްފައެވެ.
އެއީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހާފައިވާ ފޮޓޯއެއް ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުވި މައްސަލައާ ގުޅިގެން ޖޭއެސްސީން ބަލަންފެށި ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި، އޭނާ ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަސްޕެންޑު ކޮށްފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗައް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމްކުރުން ތާވަލްކޮށްފައި އޮތް ދުވަހެވެ.
ނަމަވެސް އެ ފޮޓޯ ވައިބަރު ގުރޫޕަށް ލެއްވި އިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށް އެ މައްސަލައާ ގުޅިގެން ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.