ޚަބަރު

ދައުލަތުން 78 މިލިއަން ވިމްލާއަށް ދޭން ނުފެންނަކަމަށް ކޮމިޓީގެ ނިންމުމަށް ވޯޓަށް އެހުން ފަސްކޮށްފި

އިބްރާހިމް ޒަކީ

ސުނާމީ ކާރިސާއަށްފަހު ގއ. އަތޮޅުގެ ތިން ރަށެއްގައި ގެތައް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަނުން ކުރި މަސައްކަތަށް ދައުލަތުން ދޭންޖެހޭކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވިމްލާއަށް ދައްކަން ނުފެންނަ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުން ފަސްކޮށްފިއެވެ.

އެ ފައިސާ ވިމްލާ އަށް ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ.

އެއީ ސިނާމީ ކާރިސާއަށްފަހު ގެދޮރު އިމާރަތް ކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން ގއ. މާމެންދު އާއި ދާންދޫ އާއި ނިލަންދޫގައި ވިމްލާ އިން އިމާރާތްކުރި 298 ގެ އަށެވެ. ސަރުކާރުގެ ހަރަދުގައި މާރާތް ކޮށްފައިވާ މި ގެތަކުގެ ފެންވަރު ދެރަކަމުގެ މައްސަލަވެސް ވަނީ އުފެދިފައެވެ.

މި މައްސަލަ ކޮމިޓީން ނިންމައި މިއަދު މަޖިލީހުގެ ތަޅުމުގެ ބަހުސްކޮށް ވޯޓަށްއަހާ ހިސާބަށް ދިއުމުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުގައި ކުރިއަށްދާ ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު އަންގަވާފައިވާ ކަމަށެވެ. އަދި ހައި ކޯޓުން އެ މައްސަލައަށް ގޮތެއް ނިންމުމުގެ ކުރިން މަޖިލިހުގެ ކޮމިޓީއަކުން އެ މައްސަލައިގައި އެއްޗެއް ބުނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީގެ އެ ނިންމުމަށް ވޯޓަށް އެހުން ފަސްކުރީ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.