ޚަބަރު

އެމްއެމްއޭ ހަރުދަނާކޮށް ހިންގުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި

އިބްރާހިމް ޒަކީ

އެމްއެމްއޭގެ ހިންގުން ހަރުދަނާކޮށް ތަރައްގީ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލާބެހޭގޮތުން ވާހަކަ ދައްްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެމްއޭގެ ގާނޫނަށް އެކި ފަހަރުމަތިން އިސްލާހު ގެނައި ނަމަވެސް މައިގަނޑުގޮތެއްގައި އަދިވެސް އަމަލުކުރަމުން ގެންދަނީ 1981 ވަނަ އަހަރު އެ ގާނޫނު އެކުލަވާލި އިރުގައި އޮތް ގޮތަށް ކަމަށެވެ.

މި ބިލަކީ އެމްއެމްއޭގެ މަސައްކަތްތައް ޒަމާނީ ސެންޓްރަލް ބޭންކެއްގެ މަގްސަދުތަކާއި މަސައްކަތްތަކާއި އެގޮތް ކުރުމަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނައުމަށް ހުށަހެޅި ބިލެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.