ޚަބަރު

ބަންޑާރަކޮށި "ގޮއްވާލާނެ"ކަމަށް ބުނެ އިންޒާރުދިން މައްސަލަ ދަނީ ބަލަމުން: އެމްއެންޑީއެފް

އާނިފާ ހުސެއިން ސިރާޖް

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށްވަދެ، މަރުކަޒު ''ގޮއްވާލާނެ" ކަމުގެ އިންޒާރުދިން މީހާގެ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންޒާރު ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހު 18 ވަނަ ދުވަހުގެ 21:00 ހާއިރު، ބަންޑާރަކޮށި މައި ގޭޓުން ރަޖިސްޓްރީ ނަންބަރުގައި "ސީ ----" ބޯޑު ޖަހާފައިވާ ވޭނެއްގައި މީހަކު ވަދެ ކަމަށެވެ.

އެ ވޭން ބަންޑާރަކޮށްޓަށް ވަނީ ސިފައިންގެ އުޅަނދެއް އެތަނަށް ވަންނަން ދިޔަ ވަގުތު، އެ އުޅަނދުގެ ފަހަތުން ކަމަށް މައުލޫމާތުލިބެއެވެ.

އެމްއެންޑީއެފުން ބުނީ އެ ވޭން ބަންޑާރަކޮށްޓަށް ވަނުމާއެކު ހުއްޓުވައި ޗެކުކޮށްފައިވާ ކަމަށެވެ. އެގޮތުން ޗެކު ކުރި އިރު ވޭން، ދުއްވަން އިނީ ބިދޭސީ ޑްރައިވަރެއް ކަމަށާއި ވޭނުގައި އިތުރު މީހަކު ނެތް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، މިއަދުގެ މާހައުލުން އެއްވެސް ގޮތަކަށް ޝައްކުކުރެވޭފަދަ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެކަމުގައިވާނަމަ އެކަން ލަސް ނުކޮށް ސަލާމަތީ ހިދުމަތްތަކަށް އެންގުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.