އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށްދިނުމަށް ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމު ނިންމާލައިފިއެވެ.
"ގާލްސް ޓު ކޯޑް"ގެ ނަމުގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ފުއްވަމުލަކުގައި ކުރިއަށްގެންދިޔަ އެ ޕްރޮގްރާމް ނިންމުމަށް އިއްޔެ ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފެވެ.
ހަފްލާގައި ކޯސް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން، ކޯހުގައި ތައްޔާރުކުރި ވެބްސައިޓުތަކުގެ ތެރެއިން އެންމެ މޮޅު ތިން ވެބްސައިޓް ހޮވައި، އެ ދަރިވަރުންނަށް ހިތްވަރުދީ އިނާމާއި ސެކްޓްފިކެޓް ދީފައިވެއެވެ.
ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސް އެންޑް ޓެކްނޮލޮޖީގައި ހިންގި އެ ޕްރޮގްރާމު 16 ދަރިވަރުން ފުރިހަމަ ކުރިއިރު، މި ޕްރޮގްރާމްގެ ބައިވެރިވީ 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އާ ކުދިންނެވެ.
ވިމެން އިން ޓެކުން ބުނީ، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގި އެ ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކުރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރަން ދަސްކޮށްދީފައިވާ ކަމަށެވެ.
އޭގެ އިތުރުން، ސޮފްޓްވެއާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފެށިގެން ނިމުމާއި ހަމައަށް ކުރަންޖެހޭ އެކިއެކި ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުމަށާއި އަދި އެ ޕްރޮގުރާމްގެ ބައެއްގެ ގޮތުގައި ތައްޔާރު ކުރަންޖެހޭ ވެބް ސައިޓް ތައްޔާރު ކުރުމަށް އެހީތެރިވުމަށް މިޑް ރިވިއު ވޯކްޝޮޕެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
ދަރިވަރުން ތައްޔާރުކޮށްފައިވާ ވެބްސައިޓްތަކުގެ ފެންވަރު ވަރަށް ރަނގަޅުކަން ފާހަގަކޮށް ވިމެން އިން ޓެކުން ބުނީ، ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ހުނަރާއި އެކުދިން ކޯޑިންއަށް ހުރި ޝައުގު ހާމަވެގެން ހިނގައްޖެ ކަމަށެވެ.
އެހެންކަމުން ދިރާގާ ގުޅިގެން މި ސީރީސްގެ އިތުރު ޕްރޮގްރާމެއް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައި ވެސް ހިންގުމަށް ގަސްތުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ދިރާގުން ބުނީ، ޓެކްނޮލޮޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރުމަކީ އެކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގައި ހާއްސަ އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށެވެ.
އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކޮށް މި ދާއިރާއަށް އަންހެން ކުދިން ތައާރަފުކުރުން ވަރަށް މުހިންމުކަން ވެސް ދިރާގުން ބުނެއެވެ.