އިބްރާހިމް ޒަކީ
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ނިންމުމުގައި އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ބެލުމަށްފަހު އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.
އެ މައްސަލައިގައި ބަދަލުހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ކޯޓަކަށެވެ. ބަދަލެއްގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން ހުށަހެޅުި ނަމަވެސް، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު،ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދައްކަން ނިންމީއެވެ.
އެފައިސާ ދެއްކުމާ ގުޅިގަން ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުގައި އެ މައްސަލައާމެދު ހޫނު ބަހުސްތަކެއް ވަނީ ކޮށްފައެވެ.
އެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި މިހާރުގެ ފިނޭންސް މިނިސްޓަރުވެސް މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރިއެވެ.