ޚަބަރު

29 މިލިޔަން ނުދީފިނަމަ، ކިނބިގަސްދޮށުގެ ހޯދަން ޖާބިރު ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކޮށްފި

އިބްރާހިމް ޒަކީ

4

ކުރީގެ ރައީސް އަދި މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ލީޑަރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރުގެ އަތުން، ދަރަންޏަށް ނަންގަވާފައިވާ ކަމަށް ޖާބިރު ވިދާޅުވާ 29 މިލިޔަން ރުފިޔާ ނުދީފިނަމަ ރައީސް މައުމޫނުގެ ގެކޮޅު ކަމަށްވާ މއ. ކިނބިގަސްދޮށުގެ ހޯދަން ޖާބިރު ދައުވާ ކޮށްފިއެވެ.

ޖާބިރު ރައީސް މައުމޫނުގެ މައްޗަށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އަނބުރާ ދައްކާ ގޮތަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

އަދި އެފައިސާ ރައީސް މައުމޫނަށް ނުދެއްކިއްޖެޗނަމަ މުގާބިލްގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

ޖާބިރު ދައުވާގައި އިތުރަށް ބުނެފައިވަނީ ރައީސް މައުމޫން ނެންގެވި 29 މިލިޔަން ރުފިޔާ ދައްކާފައި ނުވުމުގެ ސަބަބުން، ފައިސާ ބޭނުން ކޮށްގެން ކުރެވެން ހުރި އެތައް ވިޔަފާރިއަކުން ލިބެންޖެހޭ އެތައް މިލިއަން ރުފިޔާގެ ލިބުމުގެ މަގު ޖާބިރަށް ބަންދުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެ ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށްވެސް ޖާބިރު ބުނެފައިވެއެވެ.

މި ފައިސާ ރައީސް މައުމޫނު ނެންގެވިކަމަށް ދެ ބޭފުޅުންގެ މެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތުމުން، އެ މުއާމަލާތް ހިންގިއިރު އެއް ހާޒިރުގައި އެތައް ބަޔަކު ތިބިކަން ފާހަގަކޮށް، ހެކިންގެ ގޮތުގައި އެ ފަރާތްތައް ހުށަހަލަން ދައުވާގައި ފާހަގަ ކޮށްފައިވެއެވެ.

މިމައްސަލައިގެ ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ބަންޑާރަނައިބް އަދި ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާއި ގ. ރަންހިރި އައިމިނަތު ޝަބީބާ އެވެ.

މީގެ ކުރިންވެސް ޖާބިރު މި މައްސަލަ ހުށަހެޅިއެވެ. ނަމަވެސް މަންމަގެ އެދިވަޑައިގަތުމަކަށް ކަމަށްބުނެ މައްސަލަ ވަނީ ނަގައިފައެވެ. އަދި އެކަމުގައި ރައީސް މައުމޫނަށް މައާފް ކޮށްފައިވާ ކަމަށާއި އެފައިސާ ރައީސް މައުމޫން ދައްކަން ނުޖެހޭނެ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އެމްއާރުއެމް ހައްދަވައިގެން ރައީސް މައުމޫނު އަލުން ރިފޯމް ކުރަންވަން މަސައްކަތް ކުރައްވާ ކަމަށެވެ. އެހެންކަމުން 29 މިލިޔަން ހޯދުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟