އިބްރާހިމް ޒަކީ
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ދޫކޮށްލުމަށްއެދި ތިން މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ނިމި ދެވަނަ ދަންފަޅި ފެށުމާއެކު މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށްވާގޮތަށް އައިސް ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންދަނީ ޕީޕީއެމްގެ މެންބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބައު އަހުމަދު ޝިޔާމް އާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި ޕީއެންސީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއެވެ.
ރައީސް ޔާމީން ދޫކޮށްލަން ގޮވާލައި ލިޔެފައިވާ ލިއުންތަކެއް ހިފައިގެން އެ މެންބަރުން ގޮވަމުން ދިޔައީ، ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުވާފައިވާ ކަމަށްވެސް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.
އެ މެންބަރުން ގޮވަމުން ގެންދަވަނީ ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
އެ ތިން މެންބަރުން އިހުތިޖާޖު ކުރަމުން ދާއިރު އެކި ބައެއް ފަހަރު އޭދަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް ވެސް އިހުތިޖާޖުގައި ބައިވެރި ވެ ވަޑައިގަންނަވައެވެ.
ސަލީމަކީވެސް ޕީޕީއެމްގެ މެންބަރެކެވެ.
އެ މެންބަރުން ފަހުން ވަނީ މަޖިލިސް ޖަލްސާއަށް ދުއްމާރި ވެސް ވައްދައިފައެވެ.
މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކްމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ މަލީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭން ކުރުން ހުއްޓުުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.