މި ޑިސެމްބަރު މަހުގެ ހަތަކާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ މިއަހަރުގެ ތިންވަނަ ދައުރު، އިތުރު ކުރަން މިއަދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިމަހު ހަތްވަނަ ދުވަހާ ހަމައަށް ދައުރު ކުރިޔަށް ގެންދަން ޖެހޭތީ އެކަމަށް ވޯޓަށް އަހާ ގަޑީގައި އެކަން ހުށަހަޅުއްވައި ވޯޓަށް އައްސވާނެ ކަމަށެވެ.
މަޖިލީހުގެ މި ދައުރު ހުސްވި ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް މި ދިޔަ ހަފްތާގައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަކަށް ޖަލްސާތައް ދައްމާލުމަށް މަޖިލީހުން ފާސްކޮށްފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ ދައުރު ދިގު ކުރަން ޖެހެނީ، މަޖިލީހުގައި ކުރިއަށް އޮތީ، އަންނަ 2020 ވަނަ އަހަރުގެ ބަޖެޓް ފާސް ކުރުމުގެ މަސައްކަތާއި އެ ބަޖެޓާގުޅޭ ބައެއް ގާނޫނު ތަކާއި ލާމަރުކަޒީ ނިޒާމާބެހޭ ބައެއް އިސްލާހުތައް މަޖިލީހުގެ ފާސްކުރަންޖެހޭތީ ކަމަށެވެ.