ޚަބަރު

ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރު ފުޅުގައި ބައިވެރިވެ ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސްް ވަނީ ރާއްޖެ ވަޑައިގަންނަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަހްދު، ހިޒް ހައިނަސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އަބޫދާބީގެ ވަލީއަހްދަށާއި ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީއަކީ ވިޔަފާރިއާއި އިގްތިސާދީ، އިޖްތިމާއީ ދާއިރާއިން މަޝްރޫއުތައް ހިންގުމާ އަދި އެކިގޮތްގޮތުން ވަރަށްބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ދެމުން އަންނަ، ރާއްޖޭގެ ރައްޔިތުންގެ ގާތް އެކުވެރި ގައުމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަލީއަހްދު ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ބައިނަލްއަގްވާމީ މުހިންމުކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގާތް އަހުވަންތަގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ކުރެއްވި މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަހްދު، ހިޒް ހައިނެސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.