ޚަބަރު

ކުރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވަކިކުރުމުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އިއްޔެ އެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ސުލޫކީ ސިފަތައް ނެތިގެންދާފަދަ އަމަލުތަކެއް ގާޒީ ހައިލަމް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ގާޒީ ހައިލަމްގެ މައްޗައް ސާބިތުވެފައިވާ ކަންތައްތަކަކީ ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަަމަލުތަކެއް ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ، ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް، ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާއިރު އޭނާ މިހާރު ވެސް ހުންނެވީ ސަސްޕެންޑުކޮށްފައެވެ.

އެއީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހާފައިވާ ފޮޓޯއެއް ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުވި މައްސަލައާ ގުޅިގެން ޖޭއެސްސީން ބަލަންފެށި ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި، އޭނާ ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަސްޕެންޑު ކޮށްފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗައް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމްކުރުން ތާވަލްކޮށްފައި އޮތް ދުވަހެވެ.

ނަމަވެސް އެ ފޮޓޯ ވައިބަރު ގުރޫޕަށް ލެއްވި އިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށް އެ މައްސަލައާ ގުޅިގެން ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.