ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހުސެއިން ޝަމީމުގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ޕީޖީކަމުގެ މަގާމު މިދިޔަ ބުރާސްފަތި ދުވަހު ހުސްވީ އެ ދުވަހާހަމައަށް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމަށް ހުޅުވާލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޝަމީމުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި މަރިޔަމް ނިހާޔަތާއި ވަކީލު އަހުމަދު ޒަނީނެވެ.
ރައީސް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި އާންމުކޮށް އިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިންހ. ހިޔާކަން ހުސެއިން ޝަމީމު އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ ކަމަށެވެ.
އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވާ ޝަމީމަކީ ޕީޖީގެ މަގާމަަށް ގެންނަން މީގެ ކުރިން ވެސް ގިނަ ބަޔަކު ތާއީދުކުރި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހަށް ޝަމީމުގެ ނަން ރައީސް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސަގައި އެނަން އިއްވުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ޕީޖީ ކަމަށް ޝަމީމު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭނީ ކޮމިޓީން އޭނާގެ ނަން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް އަހައިގެންނެވެ.