ޚަބަރު

ސުޕްރީިމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފޮނުއްވި ސުއޫދުގެ ނަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފޮނުއްވި މަރު ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސުއޫދުގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމަށްފަހު، އެނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލިސް ރައީސް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.

ޖޭއެސްސީން އިއްޔެ ބުނެފައިވަނީ އެ ކޮމިޝަނުން ބެލި ބެލުމުން، ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަމުގެ މަގާމަށް އައްޔަންކުރެއްވި ސުއޫދު މިހާރު ހުންނެވީ ރައީސް ސޯލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައެވެ.

ސުއޫދުގެ އިތުރުން ދެން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީގެ މަޝްވަރާއަކަށް ރައީސް ފޮނުއްވި އަނެއް ނަންފުޅަކީ ހައިކޯޓުގެ ފަނޑިޔާރު އަބްދުލްރައުދޫ އިބްރާހިމްގެ ނަމެވެ.

ނަމަވެސް އޭނާއާ ގުޅޭގޮތުން ތިން ޝަކުވާއެއް ޖޭއެސްސީއަށް ލިބިފައިވާތީ، އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާމެދު ރައީސްއަށް މަޝްވަރާދިނުމަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.