އިބްރާހިމް ޒަކީ
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ފޮނުއްވި މ. ގުލްފާމްގެ، އަހްމަދު މުއުތަސިމް އަދުނާންގެ ނަން، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ.
މުއުތަސިމްގެ ނަން ޖޭއެސްސީގެ މަޝްވަރާއަށް ރައީސް ފޮނުއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެއީ އެ މަގާމަށް ނަން ނޮމިނޭޓް ކުރުމަށް ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމި ކަންތައް ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް މުއުތަސިމް އައްޔަން ކުރުމަށް ރައީސްއަށް މަޝްވަރާދިނުމަށް އެ ކޮމިޝަނުން ނިންމި ކަމަށެވެ.
ޖޭއެސްސީގެ އެ ނިންމުމާއެކު އަހްމަދު މުއުތަސިމް އަދުނާނަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީ، އަމީން އާއްމު ފާތިމަތު ނިއުޝާ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން އެ ނަން ދިޔާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިކަން މަޖިލިސް ރައީސް، ރައީސް ނަޝީދު ނިންމެވިއެވެ.