އިދިކޮޅު ކޯލިޝަނުން ކޮންމެރެޔަކު ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރި މުޒާހަރާގައިވެސް ބަޔަކު ހައްޔަރުކޮށް ދެ މީހަކަށް އަނިޔާވެއްޖެއެވެ.
އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ރޭ ފުރަތަމަ އެއްވެފައިވަނީ ޕީޕީއެމް އޮފީސް ކުރިމައްޗަށެވެ. ފަހުން ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް ދިއުމަށް ހިނގައިގަތުމުން ޗައިނާ އެމްބަސީ ކައިރީގައި ތިބި ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހުރަސްއެޅުމުން ކުރިޔަށް ދެވޭގޮތް ނުވުމުގެ ސަބަބުން ބޮޑު ތަކުރުފާނުމަގުން ދެކުނަށް މުޒާހަރާގެ ބައިވެރިން ހިނގާފައި ގޮސް ސޯސަން މަގުން މަޖީދީމަގަށް ނިކުމެ ހިނގަން ފެށީ އަނެއްކާވެސް ޗާންދަނީ މަގާއި ދިމާއަށެވެ.
ލެކިއުޓާއި ހިސާބުން އެސް އޯ ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމުން އަނެއްކާވެސް މަޖުބޫރުވީ ނިކަގަސް މަގުން ދެކުނަށް ދާށެވެ. ކުޑަ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް އެހިސާބުގައި މުޒާހަރާކުރި އެވެ. އެ ތަނުން ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝާއި، ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު އަދުނާނާއި، ޕީއެންސީގެ ކައުންސިލް މެމްބަރު އަބްދުﷲ މުހައްމަދު، އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ލައްމާން ވަނީ ހައްޔަރުކޮށްފައެވެ. ލައްމާންއަކީ ޗެނަލް 13 ގެ ސީއީއޯ ވެސް މެއެވެ.
ރޭ ފަހުން މުޒާހަރާކޮށްފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. އެ ސަރަހައްދުގައި ހިނގައި ދިޔަ ހަމަނުޖެހުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލާއި، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަލީ އާދަމް ބިންމައްޗަށް ވެއްޓި ލިބުނު އަނިޔާ އަކާއި ގުޅިގެންވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އާދަމްގެ އަތަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ނިމާލްވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތުދެއެވެ.
ރޭގެ މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ ހަ ކައުންސިލް މެމްބަރުންނާއި، އާންމު މެމްބަރުންގެ ތެރެއިން ދެ މެންބަރަކުވަނީ ހައްޔަރުކޮށްފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ހިންގި އަމަލު ކުށްވެރިކުރާކަމަށާއި، ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ހުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.