ޚަބަރު

ފަނޑިޔާރު ރައޫފްއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކެއް ޖޭއެސްސީން ބަލަނީ

އާނިފާ ހުސެއިން ސިރާޖް

ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން، ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ މައްސަލަތަކެއް އެ ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައޫފްއާ ގުޅޭގޮތުން ތިން ޝަކުވާއެއް އިއްޔެ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެނަމާމެދު ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ރައޫފުގެ ތިން މައްސަަލައެއް ބެލުމަށް ޖޭއެސްސީން މިރޭ ނިންމިއިރު، އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އައްޔަން ކުރުމަށް ޖޭއެސީން ވަނީ "ހައިލީ ރިކޮމެންޑެޑް" ކަމަށް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ނިންމައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ސޯލިހު މިހާރު ވަނީ އެ ދެބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް، މުއުތަސިމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހުސްނުއްސުއޫދާއި އަބްދުއްރައޫފުގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރައޫފަކީ ފަނޑިޔާރުންގެ ތެރެއިން 2017 ވަނަ އަހަރު ޖޭއެސްސީއަށް އައްޔަންކުރެއްވި ހައި ކޯޓުގެ ފަނޑިޔާރެވެ.

ކުރިން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހްމަދު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ޑރ. އަހްމަދު އަބްދުﷲ ސައީދާއި އާދަމް މުހައްމަދު އަބްދުﷲ މަގާމުން ދުރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި އަބްދުﷲ ދީދީ މަގާމުން ދުރުކުރީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފު ވަނީ ރިޓަޔާވެފައެވެ. މިމަހުގެ 20 ވަނަ ދުވަހު އޭނާ ރިޓަޔާވުމަށް ޖޭއެސްސީއަށް ހުށަހެޅީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެއެވެ.