ޚަބަރު

ގަވައިދާ ހިލާފަށް ގެސްޓްހައުސް ހިންގަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

އިމިގުރޭޝަނާއި ފުލުހުން ގުޅިގެން ހިންގި "ރޫޓީން އިންސްޕެކްޝަން" އެއްގައި، ރަޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް މާލޭގައި ގެސްޓްހައުސް ހިންގަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގުރޭޝަނުން ބުނީ އިމިގުރޭޝަންގެ ގާނޫނާ ހިލާފުވެގެންނާއި އަދި ގަވާއިދާ ހިލާފަށް ރަޖިސްޓްރީނުކޮށް ގެސްޓްހައުސް ހިންގަމުންދަނިކޮށް ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ބަނގުލަދޭޝް މީހެއް ކަމުގައިވާ މަންނާން މިއަ ކަމަށެވެ.

އިމިގުރޭޝަނުން ބުނީ އެ ގެސްޓްހައުސްގައި މީހުން ދިރިއުޅެމުން ދިޔައީ ތޮއްޖެހިގެން ކަމަށާއި އެއީ ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ނޫން ކަމަށެވެ. އެގޮތުން ތަނުގެ ސާފުތާހިރުކަން ވަރަށް ކުޑަކަމަށް އިމިގުރޭޝަނުން ބުންޏެވެ.

އެ ގެސްޓްހައުސްގައި ހުރި 90 އަކަފޫޓޫގެ 11 ކުއާޓަރުގައި 100 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުން ދިޔަ ކަމަށްވެސް އިމިގުރޭޝަނުން މައުލޫމާތުދެއެވެ.

އިމިގުރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ގެސްޓްހައުސް ހިންގަމުން ދިއުމުގެ ސަބަބުން އެ އިމާރާތުގެ ވެރިފަރާތަށް މިހާރު ވަނީ ފިޔަވަޅު އަޅާފައި ކަމަށެވެ.