ޚަބަރު

ހިޔާ ފްލެޓްތަކަށް ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ކޮމިޓީން ގޭގެއަށް

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފުލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން މާދަމާ އިން ފެށިގެން ގޭގެ އަށް ޒިޔާރަތްކުރަން ފަށާނެ ކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ބުނެފިއެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން އަމަލުކޮށްފައިވާތީ، އެކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ފުލެޓަށް ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް މާދަމާއިން ފެށިގެން ހެނދުނު 10:00 އާއި ހަވީރު 18:00 އާދެމެދުގެ ވަގުތެއްގައި ގޭގެއަށް ޒިޔާރަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން 3010718 ނަންބަރުން، ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، އެ ގެއެކަށް ދާނެ ދުވަހަކާއި ގަޑިއެއް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އަންގާނެ ކަމަށާއި އަދި ގޭގެއަށް ޒިޔާރަތްކުރާނީ ރައީސް އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑާއެކު ހަރަކާތްތެރިވާ ދެ މީހުންގެ މައްޗަށް އެކުލެވޭ ޓީމު ތަކަކުން ކަމަށް ކޮމިޓީގެ އިއުލާނުގައިވެއެވެ.

ކޮމިޓީން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މިހާތަނަށް 25,244 ފޯމާއި ފޯމުތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު އެ ލިޔެކިޔުންތަކާ ހަވާލުވެފައިވާ ކަމަށެވެ. ނަމަވެސް ލިޔެކިޔުންތައް ބެލެހެއްޓުމުގައިވެފައިވާ އިހުމާލުގެ ސަބަބުން ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތަށް ގިނަ ހުރަސްތަކެއް ކޮމިޓީން ފާހަގަކުރެއެވެ.

އެގޮތުން ފުލެޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް "ދިރިއުޅުމުގެ ހާލަތު"، މި ބަޔަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ކޮމިޓީން ބުނެއެވެ. އަދި އެ މަޝްރޫއުގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ހާލަތު" މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީ ނަމަވެސް، އެބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއް ކަމެއް، މިހާތަނަށް ބެލި ބެލުމުން އެނގެން ނެތް ކަމަށް ކޮމިޓީން ބުނެއެވެ.

އޭގެ އިތުރުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައިނުވާކަން ވެސް ކޮމިޓީގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ. އަދި އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 7،000 ފްލެޓް އަންނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.