ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ރައީސް މުހައްމަދު ނަޝީދު، އަބޫދާބީގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ޒައިދާއި ސައުދި އަރަބިއްޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފިއެވެ.
ދެ ރައީސުން އަބޫދާބީ އަދި ސައުދީގެ ކްރައުން ފުރިންސުންނާ ބައްދަލު ކުރައްވާފައިމިވަނީ ޕްރިން ސައިދުގެ ދައުވަތަކަށް އަބޫދާބޫއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީގެ ކުރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އަދި ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވީ މިއަދުގެ މެންދުރު ކަމަށެވެ.
ޔޫއޭއީގެ ސަރުކާރުގެ ދައުވަތަކަށް، ދެ ދުވަހުގެ ދަތުރެއްގައި ދެ ރައީސުން އަބޫދާބީއަށް ވަޑައިގެންނެވީ އިއްޔެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެބޭފުޅުން އަބޫދާބީއަށް ވަޑައިގެންނެވީ ވެސް އެގައުމުން ފޮނުއްވި ޕްރައިވެޓް ޖެޓެއްގައެވެ. އަދި ދެ ރައީސުން އެކުގައި އަރާމު ކުރައްވައި ކުޅިވަރު ކުޅުއްވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަހުދުގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގަައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.