ޚަބަރު

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗަންދްރިކާއާއި ޝީޝެލްސްގެ އިސްވެރިއެއް ރާއްޖެ ވަޑައިގެންފި

1

އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނައިކޭ ކުމާރަތުންގާ އާއި ޝީޝެލްސްގެ އިސްވެރިއެއް ރާއްޖެ ވަޑައިގެންފިއެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޝީޝެލްސްއިން ބައިވެރިވެވަޑައިގަންނަވަނީ އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކެބިނެޓް އެފެއާޒް މުހައްމަދު އަފީފެވެ. މުހައްމަދު އަފީފަކީ ސުވަދީބުގެ ކުރީގެ ރައީސް އަބްދުﷲ އަފީފް ދީދީގެ ދަރިކަލެކެވެ.

ޗަންދްރިކާއާއި މުހައްމަދު އަފީފް ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ޗަންދްރިކާއާއި މުހައްމަދު އަފީފަށް މަރުހަބާ ދެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޗަންދްރިކާއާއި މުހައްމަދު އަފީފްގެ އިތުރުން ވެސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިނަލްއަގުވާމީ ބޮޑު ޑެލިގޭޝަނެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. "ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ޑެލިގޭޝަންގައި އެންމެ މަދުވެގެން 250 ބޭފުޅުން ހިމެނޭނެއެވެ.

އެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާ، ފަލަސްތީނު، ޕާކިސްތާނު، ސްރީލަންކާ، ޗައިނާ، ޖަޕާން، މޮރޮކޯ، މޮރިޝަސް، އެމެރިކާ، ޗައިނާ، ޝީޝެލްސް އަދި ޔޫއޭއީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ގަލޮޅު ދަނޑުގައި ބާއްވާ އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ސައުދީ އަރަބިއްޔާގެ ޕްރިންސް ޑރ. މަންސޫރު ބިން މުތައްއިއްބު ބިން އަބްދުލް އަޒީޒް އަލްސައުދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00ގައި ގަލޮޅު ދަނޑުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟