ޚަބަރު

ކުރީގެ ޑީޕީޖީއާއެކު ދެ ބޭފުޅަކު ޕީޖީ ކަމަށް

2

ހުސް ވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއެކު ދެ ބޭފުޅަކު ކުރިމަތި ލައްވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމު ހުސްވީ، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ.

ބުރާސްފަތި ދުވަހު ބިޝާމް އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަމުން ދާ މައްސަލައަކާ ގުޅިގެން އެދުވަހު އޮތް އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވާން އަންގާފައި ވަނިކޮށެވެ.

ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެން ޕީޖީ ކަމުގެ މަގާމަށް ކުރިމަތި ލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި ފުރުސަތު މިއަދަށް ވަނީ ހަމަވެފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ ޕީޖީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ރައީސް އޮފީހަކުން ނުބުނެއެވެ.

ނަމަވެސް އެ ތިން ބޭފުޅުންގެ ތެރޭގައި ޝަމީމް ހިމެނިވަޑައިގަންނަވާކަން "ވަން އޮންލައިން"އަށް ވަނީ ކަށަވަރު ވެފައެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ލިސްޓު ކުރެއްވުމަށްފަހު ދެން ފޮނުއްވާނީ ރައްޔިތުންގެ މަޖިލީހަށެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އެނަންތައް މަޖިލީހަށް އިއްވުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަަށް ނުވަތަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާނެއެއެވެ.

އެތަނުން ބޭފުޅަކު ޕީޖީގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދޭނީ ކޮމިޓީން އެ ބޭފުޅންގެ ނަންތައް ދިރާސާކޮށް މަޖިލީހުގެ ދަޅުމަށް ހުށަހެޅުމުން ވޯޓަށް އަހައިގެންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟