ޚަބަރު

ހައްމާދުގެ ޑީއެންއޭ އާއި ކުއްޖާގެ ޑީއެންއޭ ދިމާވޭ، ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި: ފުލުހުން

މަރިޔަމް ޝަހުދާ

ދޯންޏެއްގައި ހިނގި ހިޔާލު ތަފާތު ވުމަކަށްފަހު ވަޅި އަޅައި ކަނޑަށް އެއްލާލި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދުގެ ޑީއެންއޭ އާއި 13 އަހަރުގައި ވިހޭ ކުއްޖާގެ ދަރިފުޅުގެ ޑީއެންއޭއާ ދިމާވާ ކަމަށާއި އެ މައްސަލައިގައި ހައްމާދަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުން 14 ފަރާތަކާއި ސުވާލުކޮށްފައިވާނެ ކަމަށެވެ. އެގޮތުން 13 އަހަރުގެ ކުއްޖާގެ އިތުރުން އޭނާގެ މަންމަ އާއި އެ މައްސަލައިގެ މައުލޫމާތުހުރި ފަރާތްތަކާއި ސުވާލު ކޮށްފައިވާ ކަމަށެވެ.

''މި މައްސަލައިގައި 14 ފަރާތަކާއި ސުވާލު ކުރެވި، ފޮރެންސިކް ބައެއް ހެކިތައް ހޯދާ ވެރިފައި ކުރުމުގެ މަސައްކަތް ކުރެވިފައިވޭ. އެގޮތުން ވިހާފައިވާ ކުއްޖާގެ ޑީއެންއޭ އާއި ތުހުމަތު ކުރެވޭ ފަރާތުގެ ޑީއެންއޭއާ ދިމާވެފައިވާ ކަމަށް ދަންނަވަން. މި މައްސަލައަކީ ތަހުގީގު އަދިވެސް ކުރިއަށް ދަމުން އަންނަ މައްސަލައަކަށް ވާތީވެ، ޕީޖީ އޮފީހާއެކު މަޝްވަރާ ކުރެވެމުންދާކަމަށް ވެސް ދަންނަވަން.'' ހަނީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު މަޝްވަރާކޮށް، އެ މައްސަލަ މިހާރު ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލައިގެ ތުހުމަތު ކުރެވޭ ހައްމާދު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި 13 އަހަރުގެ ކުއްޖާގެ މަންމަ އާއި މައްސަލައިގެ މައުލޫމާތު ހުރި އެކި ފަރާތްތަކާއި ސުވާލުކުރުމުން ވެސް ކުއްޖާ އެއްވެސް ކައިވެންޏެއް ކޮށްފައިވާކަން، މިހާތަނަށް ފުލުހުންގެ ތަހުގީގަށް ސާބިތުނުވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ މަސައްކަތުން މިހާރު ލިބިފައިވާ ހެއްކާއި ގަރީނާގެ އެހީގައި ހައްމާދަށް ދައުވާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހަނީފު ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްމާދު ހައްޔަރުކޮށްފައިވަނީ އޭނާއަށް ލިބުނު ޒަހަމް ތަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން އިއްޔެ ދޫކޮށްލުމުންނެވެ. އޭނާއަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ، ހުކުމް ކޮށްފައިވާ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.